އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ބަޑި ޖަހައި އިސްރާއީލުން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ހިލާފު އެ އަމަލަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފޮރިން މިޖިސްޓްރީން ބުނީ އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއް ކަމަށެވެ. އަދި ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތައް ކަމަށެވެ.
އިސްރާއީލްގެ އަމަލުތައް ތަކުރާރުކޮށް ކުށްވެރި ކުރަމުން އަންނަ ރާއްޖެ އިން ބުނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާ ކަމަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިިގެން ޔަހޫދީ އިޒްރޭލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތަލައިލަން ގަތުލު އާންމު ހިންގައި، އަސާސީ އަދި އިންސާނީ އެތައް ހައްގުތެއް ނިގުޅައިގަންނަމުންނެވެ.
ރާއްޖެ އަކީ އަބަދު ވެސް ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ.