އިންޑިއާގެ މަޝްހޫރު ތަރި، އަމީތާބް ބައްޗަންގެ ކާފަދަރިފުޅު، އަގަސްޓިއާ ނަންދާގެ ދެވަނަ ފިލްމު "އިއްކީސް" ރިލީޒްކުރާ ތާރީހު އިއުލާންކޮށް، ފިލްމުގެ ޓައިޓްލް ލޯގޯ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކޮށް ގެނެސްދޭ ބައޮގަރްފޮކަލް ޑްރާމާއެކެވެ. ސްރީރާމް އަކީ "ޖޯނީ ގައްދާރު" އާއި "އޭޖެންޓް ވިނޯދު" އާއި "ބަދުލާޕޫރް" އަދި "އަންދާދުން" މަގުބޫލު ފަދަ ތުރިލާތައް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ހިމަނައިގެން ގެނެސްދިން މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.
އަގަސްޓިއާއާ އެކު ސްރީރާމް ގެނެސްދޭ "އިއްކީސް" ސިނަމާތަކަށް ދޫކޮށްލަން ނިންމީ އޮކްޓޯބަރު 2 ގަ އެވެ. މި ފިލްމުގައި އަގަސްޓިއާ ފެންނާނީ އިންޑިއާގެ އަސްކަރިއްޔާގެ ޒުވާން ބަތަލެއް ކަމަށްވާ އުމުރުން 21 އަހަރުގައި މަރުވި ސެކަންޑް ލެފްޓިނަންޓް އަރޫން ކެތަރްޕާލްގެ ރޯލުންނެވެ. އަރޫން މަރުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ހިނގި ބަސަންތަރު ހަނގުރާމައިގަ އެވެ.
"އިއްކީސް" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖައިދީފް އަހުލުވާތު ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުން އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ ސިމްރަން ބާޓިއާ ބޮލީވުޑަށް ތައާރަފުކުރާނެ އެވެ. އޭނަ އަކީ އަކްޝޭގެ ކޮއްކޮ އަލްކާ ބާޓިއާގެ ދަރިއެކެވެ.
އަގަސްޓިއާގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު 2023 ގައި ނެޓްފްލިކްސް އަށް ގެނެސްދިން "ދި އާޗީސް" އެވެ. އެ ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ޚުޝި ކަޕޫރް ވެސް ތައާރަފުވި ފިލްމެވެ.
އަގަސްޓިއާ، 24، އަކީ އަމީތާބްގެ ދޮށީ ދަރިފުޅު ޝްވޭތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.