Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ގޭންގް ކުށްތައް ހުއްޓުވާ ބިލު ތަސްދީގުކޮށްފި

ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މިއީ،ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ގޭންގް ޤާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ޤާނޫނަކަށް، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ޢަމަލު ކުރެވެމުންނެވެ. ނަމަވެސް އެ ދެ ޤާނޫނުން ވެސް ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެވިފައިނުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ މިއަދު މި ތަޞްދީޤުކުރެއްވި ޤާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ޙައްލެއް މިކަމަށް ގެނައުމެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:

* ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
* ގޭންގުތަކަށް ފައިސާ ޚަރަދުކުރާ މީހުން ހުއްޓުވުން
* ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
* ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
* ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުން
* ޚާއްޞަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން
* ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވުން

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވައި ފައެވެ. އެގޮތުން، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ޚިދުމަތުގައި ޖުލައި 1، 2024 ގައި ޤާއިމުކުރެއްވިއެވެ. ގޭންގު ކުށްތަކާ ގުޅޭ މައްސަލަތަކުގައި މިދިޔަ 18 މަސް ދުވަހު، ގްރޫޕުތައް އެއްވެ އުޅޭ ސަރަޙައްދުތަކުން 31511 މީހުން ހުއްޓުވައި ސުވާލުކޮށް އެކި މައްސަލަތަކުގައި 180 މީހަކު ހައްޔަރުކުރެވި، އޭގެ ތެރެއިން 83 މީހަކާ ދެކޮޅަށް ދަޢުވާ އުފުލާފައިވެއެވެ. މި މުއްދަތަށް ބަލާއިރު، ގޭންގު މާރާމާރީގައި، ﷲގެ އިރާދަފުޅާއެކު އެއްވެސް މީހެއްގެ ފުރާނަ ގެއްލިގޮސްފައެއްނުވެއެވެ.

މި ބިލަކީ، މި މަހުގެ 15 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލެކެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމަ މިއާއެކު މި ޤާނޫނަށް ޢަމަލުކުރަން ވެސް ވަނީ ފަށައިފަ އެވެ.