އ.ދ އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު ހައޯ ޖަންގް އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހައޯ ޖަންގް މިއަދު ހެނދުނު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
އ.ދ އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
އެއަށް ފަހު ރައީސް ވަނީ ޞިއްޙީ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އަދި އިންސާނީ ވަޞީ ލަތް ޤާއިމުކުރުން ފަދަ ކަންކަމުގައި އ.ދ އިން އަދާކުރަައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 2040 ގެ ނިޔަލަށް ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި އ.ދ.ގެ ބައިވެރިވުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ހަމައެއާއެކު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަންފީޒުކޮށް، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އ.ދ.ގެ ފުރިހަމަ އެއްބާރުން ދެއްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިއަހަރަކީ ރާއްޖެ އ.ދ.ގެ މެންބަރަކަށް ވިތާ 60 އަހަރުފުރޭ އަހަރެވެ.