Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

ގޭންގްތަކަށް ދެން ގާނޫނުގެ ބާރު ނުފޯރާ ހިސާބެއްގައި ނުތިބެވޭނެ

ގޭންގުތަކަށް ދެން ގާނޫނުގެ ބާރު ނުފޯރާ ހިސާބެއްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބޮޑެތި އަދަބުތަކެއް ވެސް ހިމެނޭ ގޮތަށް ފާސްކުރި ގޭންގް ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުން ދާ ގޭންގުތައް ހުއްޓުވުމަށް 2010 ގައި ގާނޫނެއް ގެނައި ކަމަށެވެ.

ނަމަވެސް އެ ނޫނުގެ ތެރެއިން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުން ކަމަށް ވިދާޅުވި އެވެ. އަދި އޭގެ މީގެސަބަބުންގާނޫނުގެ ދަށުން އެއްވެސް މީހަކަށް ހުކުމް ނުކުރެވޭ އިރު އާ ގާނޫނަކީ އެފަދަ ގިނަ މައްސަލަތަކަށް އޮތް ފުރިހަމަ ހައްލެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ފަސޭހަ ބަދަލުތަކެއް ނޫން. ޚާއްސަ އިޖުރާޢަތްތަކެއް ޚާއްސަ ބާރުތަކެއް ފުލުހުންގެ މުޢައްސަސާއަށް ދެވި ކުށްތައް ވަކިގޮތަކަށް ކަނޑައަޅައި މީގެ ތެރޭގައި މަޝްއޫލުވެގެން އުޅޭ ވަރަށް ގިނަ ފަރާތްތަކަށް މިހާރު އެކުރަމުންދާ ކަންކަން ވަރަށް އުނދަގޫވާގޮތަށް ނުކުރެވޭ ގޮތަށް މަގުފަހިކޮށްފައިވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވީ." އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާ ގާނޫނުުގެ އަމާޒަކީ އަދި މިހާރުގެ ސިޔާސަތަކީ ވެސް ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް އަދަބު ދިނުމުގެ ބަދަލުގައި އެ ކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އެގޮތުން އާ ގާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނޯންނާނެކަން ކަށަވަރު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑަށް ޤަބޫލު ކުރެވެނީ މި މާހައުލުން ދުރަށްދާން މިފަދަ ކަންކަމުގައި އުޅެވިފައި ތިބި ފަރާތްތައްވެސް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ފަދަ ޤާނޫނެއް މިއޮތީ،" އޭނަ ވިދާޅުވި އެވެ. "އަދި އެކަން ދާނީ ވެސް އެހެންކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ އެބަ. އަޅުގަނޑު ކަށަވަރުކުރަން ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެ އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީން ކުރައްވާނެ."

އިހުސާން ވިދާޅުވި ގޮތުގައި އާ ގާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުށުގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނުވާނެ ގާނޫނެކެވެ. އަދި އެ ގާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށ ވިދާޅުވިއެވެ.