މިދިޔަ މަހުގެ ތެރޭގައި ގައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް ހުޅުވައިލުމުން މިހާތަނަށް 650 އަށް ވުރެ ގިނަ ފަރާތަކުން ހުށައަޅާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ގޭންގުތަ ކުށްތައް ހުއްޓުވުމާ ބެހޭ ބިލު ތަސްދީގު ކުރަން ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ
ގައުމީ ހިދުމަތުގެ މިޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 1 އަށް ހަމަވާއިރު، މިހާތަނަށް 658 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު ޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށައަޅާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިޕްރޮގުރާމްގެ ތެރެއިން އަޚުލާޤު ރަނގަޅު، ދީނީ، މަސައްކަތްތެރި ކުދިން ނެރެވޭނެ. ޕްރޮގުރާމް ފުރިހަމަކުރުމަށް ފަހު ސިފައިންގެއަށް ނޫނީ ފުލުހުންގެ ޚިދުމަތަށް ވަދެވޭނެ،" ރައީސް ވިދާޅުވި އެވެ. "ބޭނުން ނުންވަންޏާ އެހެން ދިމާއަކުން ވެސް ކުރިއަށް ދެވިދާނެ. މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިންގެ ތެރެއިން ވަރަށް ގިނަ ކުދިން މަދުވާނެ.".
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލެވޭނީ، އުމުރުން 16-28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. އަދި 16-18 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކު، ޕްރޮގްރާމަށް ހުށަހަޅާއިރު، ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ޖެހެ އެވެ.