Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

ވަގަށް ސިނގިރެޓް އެތެރެކުރި ބިދޭސީއެއް ހައްޔަރަށް

ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރެޓް އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަބްދުލް ކަރީމް، 45، އެވެ.

ފުލުހުން ބުނި ގޮޔުގައި އޭނަ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެކެވެ.

ސިނގިރެޓް އެތެރެކުރި މައްސަލައާ ގުޅިގެން ކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.