Last Updated: May 27, 22:14
Tuesday, May 27, 2025
މުނިފޫހިފިލުވުން

'ކިންގް' ގެ ކާސްޓާ އިތުރު 2 އެކްޓަރަކު ގުޅިއްޖެ

މިދިޔަ ހަފުތާގެ ތެރޭގައި ޝޫޓިން ފެށި ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ކާސްޓާ އިތުރު ދެ އެކްޓަރުންތަކެއް ގުޅިއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ފަހަރު ކާސްޓާ ގުޅުނީ ޒުވާން އެކްޓަރު އަދި ހުނަރުވެރި ނެށުންތެރިޔާ ރާގަވް ޖުޔާލް އާއި ތަޖުރިބާކާރު އެކްޓަރު ސޯރަން ޝުކްލާ ކަމަށެވެ. ސޯރަބް ވަނީ އޭނަގެ "ކިންގް" ގެ ކާސްޓާ ގުޅުމާ އެކު، މި ފިލްމުގެ ރޯލެއް ކުޅޭ ޝާހްރުކްގެ ދަރިފުޅު ސުހާނާ އާއި ޚާނާއި ޝާހްރުކްގެ ފަރާތުން ލިބުނު ހަދިޔާއެއްގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރާގަވް އަކީ މިދިޔަ އަހަރު ރިލީޒްކުރި "ކިލް" އާއި "ޔުދުރާ" ގައި ނެގަޓިވް ރޯލްތަކެއް ކުޅެފައިވާ އަދި މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އެކްޓަރެކެވެ. އޭނަ ސަލްމާން ޚާނާ އެކީ ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2021 ގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ތެރޭގައި ޝާހްރުކްގެ ދަރިފުޅު އަރިއަން ޚާން ނެޓްފްލިކްސް ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ރޯލަކުން ވެސް ރާގަވް ފެންނާނެ އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ "ކިންގް" ގެ ޝޫޓިން މި މަހުގެ 21 ގައި ފެށި އިރު، މީގެ ކާސްޓްގައި ހިމެނޭ ކަމަށް ބުނާ އިތުރު ތަރިންތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަނިލް ކަޕޫރް، ރާނީ މުކަރްޖީ، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފް އަދި ޒުވާން އެކްޓަރު އަބޭ ވަރުމާ ހިމެނެ އެވެ.

"ކިންގް" އަކީ 2023 ގެ "ޕަތާން" އަށް ފަހު ޝާހްރުކާ އެކު ސިދާތު ހަދާ ދެވަނަ ފިލްމެވެ.

އޭނަގެ މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ.