އަންހެނެއްގެ މައްސަލައެއްގައި ހުޅުމާލޭގައި މިއަދު ދެ މީހަކު މާރާމާރީ ހިންގައި، އެކެއްގެ ބޯ ފަޅާލައިފި އެވެ.
އެ މާރާމާރީ ހިންގީ އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނަގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީ މެންދުރު ފަހު 1:00 އެހާކަށްހާ އިރުު ހިންގި މާރާމާރީގެ ރިޕޯޓާ ގުޅިގެން ސީނަށް އެޓެންޑްވެ ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިންގި މާރާމާރީއެއްގައި ޢާއިލާގެ އިތުރު ބަޔަކު ބައިވެރިވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މާރާމާރީގައި އެކެއްގެ ބޯ ފެޅި، ތަފާތު ކުދި އަނިޔާ އެ ދެމީހުންނަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި ދެ މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.