Last Updated: May 27, 22:14
Tuesday, May 27, 2025
ރިޕޯޓް

އޯޓިޒަމްގެ އަލާމާތްތަކަކީ ކޮބާ؟

* އެހެން މީހުން ދައްކާ ވާހަކަ ތަކުރާރުކުރުން (އިކޮލޭލިއާ)

އިކޮލޭލިޔާ އަކީ އެހެންމީހުން ކިޔާ އެއްޗެއް އެ އިވުނު ގޮތަކަށް ތަކުރާރު ކުރުމެވެ. އާންމުކޮށް ހުރިހާ ކުދިން ވެސް ފުރަތަމަ ވާހަކަ ދައްކަން ފަށާ އިރު މިގޮތަށް ތަކުރާރު ކުރާނެ އެވެ. ނަމަވެސް އުމުރުން 3 އަހަރުވާ އިރު މިކަން ހުއްޓި އަމިއްލަ ޖުމްލަތައް ބޭނުން ކޮއްގެން ވާހަކަ ދައްކަން ފަށައެވެ. ތިން އަހަރަށް ވުރެ ބޮޑުވެގެންދާ އިރު ވެސް މިގޮތަށް ރިޕީޓްކުރުން ނުހުއްޓި ކުރިއަށް ދާ ކަމުގައި ވަނީނަމަ މިއީ އޯޓިޒަމްގެ އަލާމާތަކަށް ވެދާނެ އެވެ.

މި ގޮތަށް ތަކުރާރު ކުރާ ކުދިން އާންމުގޮތެއްގައި އެހެން މީހުން ދައްކާ ވާހަކަތައް އެމީހުން ބުނި ގޮތަކަށް އަދި އެ ރާގަކަށް ތަކުރާރުކުރެ އެވެ.

އެހެން މީހުން ދައްކާ ވާހަކައަށް އަޅާ ނުލުމާއި ހަތަރު ކަޅި ހަމަނުކުރުން

އެހެން މީހުން ދައްކާ ވާހަކަޔަށް އަޅާނުލުމާއި ވާހަކަ ދައްކާ އިރު އެހެން މީހުންގެ ލޮލަށް ނުބަލާ ވާހަކަ ދެއްކުމަކީ ވެސް އޯޓިޒަމް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ. މިގޮތުން އެކުއްޖެއްގެ ނަމުން ގޮވާލުމުން އެމީހަކަށް ބަލާނުލުމާއި ވާހަކަ ދެއްކުމުން ވެސް ނުވަތަ ކަމެއް ކުރުމަށް ބުނުމުން އަޅާނުލާ ހުރުން ހިމެނެ އެވެ.

* ވާހަކަ ދެއްކުމާއި މުޢާމަލާތް ކުރުމުގައި ދަތިތަކެއް ހުރުން

އެހެން މީހުން ދައްކާ ވާހަކަ ރަނގަޅަށް ދެނެގަތުމާއި ބުނަން ބޭނުންވާ އެއްޗެއް ރަނގަޅަށް ބުނެދޭން ނޭންގުމަކީ ވެސް އޯޓިޒަމް ހުންނަ ކުދިންނަށް ދިމާވާ ދަތިކަމެކެވެ. އާންމު ގޮތެއްގާ ވާހަކަ ދައްކާ އޯޓިސްޓިކް ކުދިންނަށްވެސް ނުސީދާކޮށް ނުވަތަ ސަމާސާއަކަށް މީހަކު އެއްޗެއް ބުނުމުން އެ ރަނގަޅަށް ދެނެގަންނަން އުނދަގޫވެ އެވެ.
މީގެ އިތުރުން އެކަކު އަނެކަކާ ވާހަކަތަކެއް ބަދަލު ކުރެވިގެން ފުރިހަމަ މުޢާމަލާތެއް ކުރިއަށް ގެންދަން ނޭންގުމަކީވެސް އޯޓިޒަމް ހުންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ކަމެކެވެ.

* އެއްކަހަލަ ހަރަކާތްތަކެއް ހުރުން ނުވަތަ އެއް ކަމެއްގައި ކޮންމެ ދުވަހަކު ވެސް އެތައް ވަގުތެއް ހޭދަކުރުން

އެއް ކަމެއްގައި ދުވަހުގެ ބޮޑުބައެއް ހޭދަކުރުމާއި އެއްކަހަލަ ހަރަކާތްތަކެއް ކުރުމަކީ ވެސް އޯޓިސްޓިކް ކުދިންގެ ކިބައިން އާންމުކޮށް ފެންނަ ކަމެކެވެ. މިސާލަކަށް ދެއަތް ތަޅުވާލަ ތަޅުވާލައި ހުރުން، ދެކޮޅަށް ހެއްލިލަ ހެއްލިލާ އިނުން، ކުޅޭ ކާރު ފަދަ އެއްޗެހި ލައިނަކަށް އެތުރުން ފަދަ ކަންތައް ހިމެނެ އެވެ.

* ސަމާލުކަން ފަސޭހައިން ގެއްލުން

އޯޓިޒަމް ހުންނަ ކުދިންނަށް އާންމު ގޮތެއްގާ ކަމަކަށް ސަމާލުކަން ދީގެން ގިނަ އިރު އިނުން ދަތިވެ އެވެ. ހާއްސަކޮށް އެ ކުދިން ޝައުގުވެރި ނުވާ ކަމެއްކަމުގައި ވަނީނަމަ ފަސޭހައިން އެހެން ދިމާލަކަށް ސަމާލުކަން ދެ އެވެ. މިސާލަކަށް މަސައްކަތެއް ކުރަން އިނދެފައި އެކަމެއް ނުނިމެނީސް އެހެން ކަމެއްގެ ތެރެއަށް ދިއުން ފަދަ ކަންތައްތައް ހިމެނެ އެވެ.

* ކުޅުމުގައި ތަފާތުތަކެއް ހުރުން

އެހެން ކުދިން ކުޅޭ ކުޅިވަރެއް ފެނި އެގޮތަކަށް އެ ކުޅިވަރެއް ކުޅެން ނޭންގުން އަދި ކުޅޭ އެއްޗެހިން ކުޅުމުގާ އެ ތަކެތިން ކުޅެންވާ ގޮތައް އެންމެ ރަނގަޅަށް ކުޅެން ނޭންގުން ނުވަތަ ބޭނުން ކުރަންވާ ގޮތް ނޫން އެހެން ގޮތަކަށް ބޭނުން ކުރުމަކީވެސް އޯޓިޒަމް ހުންނަ ބައެއް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ.

މިސާލަކަށް ކުޅޭ ކާއެއްޗެއް ދިނުމުން އޭގެން ކާ ގޮތައް ހަދާ ކުޅެން ނޭންގުން، ކުޅޭ މަތިންދާ ބޯޓެއް ދިނުމުން މަތިން އުދުހޭ ގޮތައް ކުޅެން ނޭންގުންފަދަ ކަންތައް ހިމެނެއެވެ.

މީގެ އިތުން ބަތްކައްކާ ކުޅުން ނުވަތަ އެހެނިހެން “ޕްރިޓެންޑް ޕްލޭ” ކުޅިވަރުތައް ކުޅެން ނޭނގުމާއި ޝައުގުވެރިކަން ނުހުރުމާއި ވަކި ތަރުތީބަކުން ކުޅޭ ކުޅިވަރުތައް ކުޅުމުގައި އުނދަގުތަކެއް ހުރުން ހިމެނެ އެވެ. މިސާލަކަށް މޮނޮޕޮލީ، ކެރަމް ފަދަ ފަހަރަކު މީހަކު ކުޅޭ ކުޅިވަރުތައް ކުޅުމާއި ވަކި ގަވައިދެއްގެ ދަށުން ކުޅެން ޖެހޭ ކުޅިވަރުތައް ކުޅުމުގައި ދަތިތަކެއް ހުރުން ހިމެނެ އެވެ.

* ހިއްސުތަކުގައި ހުންނަ ތަފާތު

ކުދިންގެ ހިއްސުތައް މަސައްކަތް ކުރުމުގައި އެކުދިންގެ ވަށައިގެން ވާ މާހަލުގާ ހިނގާ ކަންކަމުން ބޭނުންތެރި މައުލޫމާތު ނުވަތަ ކަންތަށް ސިކުނޑި މެދުވެރިކޮށް ފުރާނާލަ އެވެ. ސެންސަރީ މައްސަލަ ދިމާވުމަށް މެދުވެރިވަނީ ގުނަވަންތަކުން އެ ނަގައިގަންނަ މައުލޫމާތުތައް ސިކުނޑިއަށް ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލައަކުންނެވެ.

މީގެ ސަބަބުން، ބީހުމާއި، ވަސްދުވުމާއި، ފެނުމާއި، ރަހަތައް ލުމުގާ މާބޮޑަށް އިހުސާސްވުން ނުވަތަ މާ ކުޑަކޮށް އިހުސާސް ވުމަށް މެދުވެރިވެ އެވެ. މިކަމުގެ ސަބަބުން މި ކުދިންނަށް އެހެން މީހުނާ އެއްގޮތައް އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫވެ، އާންމު ދިރި އުޅުމުގާ ކުރަން ޖެހޭ ކުދިކުދި ކަންތައްތައް ކުރަން ދަތިވެ އެވެ.

މިސާލަކަށް ގައިގާ ބީހުމުން ނުވަތަ ތަނެއްގާ ޖެހުމުން މާ ބޮޑަށް ނުވަތަ މާ ކުޑަކޮށް އިހުސާސް ވުން، ބައެއް އަޑުތަކަށް ބިރުގަތުން، މާ ކުޑަކޮށް ވަސް ދުވުން ނުވަތަ މާ ބޮޑަށް ވަސް ދުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

މަސްދަރު: މޭލުގާ