ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ބަދަލުކުރުމުގެ މަސައްކަތަކީ ރައީސްގެ ޚާއްޞަ ޕްރޮޖެކްޓެއް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމްބީއެސްގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެ މަސައްކަތް ދިވެހި ސިފައިންނާ ޙަވާލުކުރެވި، މަސައްކަތް ލަސްވުމެއްނެތި، ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށެވެ.
ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި މެނިފެސްޓޯގައި އެވާހަކަ ލިޔެވިގެން މަސައްކަތް ކުރަންފެށި ސަރުކާރަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"ރަޢީސްގެ ޚާއްޞާ ޕްރޮޖެކްޓެއްގެ ގޮތުގައި ދިވެހި ސިފައިންނާ ޙަވާލު ކުރައްވާ މި މަސައްކަތަށް އެއްވެސް ލަސްވުމެއް ފަސްޖެހުމެއް ނާންނާނެ މަގުން މިމަސައްކަތް ކުރިއަށް ގެނެދެވި ވަރަށް ފުރިހަމަޔަށް މިވަނީ ނިންމާލެވިފަ" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޢެހެނިހެން ގިނަ ކަންތައްތަކެކޭ އެއްފަދައިން ތެލެސީމިއާ ބަލީގެ ފަރުވާގަ ޙާޞިލް ކުރަންޖެހިފައިވާ ކަންތައްތައް ގިނަކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ކަޑައްތު ކުރަންޖެހިފައިވާ މަރުޙަލާތައް ގިނަ ނަމަވެސް ހޯދިފައިވާ ގިނަ ގުނަ ކުރިއެރުންތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތައް މިހާރު ދެމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކޮށްގެންނެވެ.