Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި

މަރްޔަމް ޒީނިޔާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިއާ މަގާމުން ވަކިކޮށްފި އެވެ.

ޒީނިއާ މަގާމުން ވަކިކުރި ކަމުގެ ޗިޓު ހަވާލުކޮށްފައިވަނީ މިއަދު އެވެ.

މިދިޔަ އަންގާރަ ދުވަހު ޒީނިއާ މަގާމުން ސަސްޕެންޑްކޮށްފައިވާއިރު، އޭނާ ސަސްޕެންޑުކުރި ސަބަބުތަކުގެ ތެރޭގައި ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައި އާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރުން ހިމެނެ އެވެ.

ޒީނިއާ ސަސްޕެންޑްކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެއަށް ގޮސްފަ އެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ޒީނިއާ ސަސްޕެންޑް ކުރީ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށް އިދާރީ އޮނިގަނޑާއި ހިލާފަށް ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ބިރު ދައްކަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ޒީނިއާ މަގާމުން ވަކިކޮށްފައިވާއިރު ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.