Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް މިއަދު ބާއްވާ ޚާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރާއްޖެ ވަޑައިގަންނަވައިފި އެވެ.

ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނެވެ.

މި ވަފުދުގައި ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުލްމޮނެމް ބިން އަބްދުލް ރަހުމާން އަލް މަހުމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭކާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް ބައިވެރިވެވަޑައިގަންނަވަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.