އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ލިވަޕޫލުން ހޯދުމުން ރާއްޖޭގައި ކުލަގަދަކޮށް އެ ކާމިޔާބީ ރޭ ފާހަގަކޮށްފި އެވެ.
ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ހުޅުމާލޭ ފޭސް ދޭއްގައި ރޭ ވަނީ ލީގުގައި ލިވަޕޫލުން ކުޅުނު ފަހު މެޗު ބޮޑު ސްކްރީނުގައި ބެލުމަށް ބޮޑުބެރާއެކު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި މެޗު ބެއްލެވުމަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.
ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރީ ކްރިސްޓަލް ޕެލެސްއާ ކަމަށްވާއިރު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި މެޗަށް ފަހު ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލްއާ ހަވާލުކުރިއިރު، އެ ވަގުތު ހުޅުމާލެ ފޭސް ދޭއްގައި ވަނީ ހަވާ އަރުވައިފަ އެވެ. މިއީ މިފަދަ ކުލަގަދަ ގޮތަކަށް ރާއްޖޭގެ ސަޕޯޓަރުންގެ ކްލަބެއްގެ ފަރާތުން އިންތިޒާމުކުރި ފުރަތަމަ ހަރަކާތެވެ.
ރާއްޖެ އަކީ ލިވަޕޫލްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ދަށުން ލިވަޕޫލާއި ރާއްޖެ ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.