Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ފޭދޫ އިސްރަށްވެހިންގެ ޝެލްޓާ އަލުން ބީލަމަށް

އިސްރަށްވެހިންނށް ހާއްސަކޮށްގެން އަައްޑޫގައި ފޭދޫގައި ހަދަން ނިންމާފައިވާ "ސީނިއާ ސިޓިޒެންސް ހޯމް" އަލުން ބީލަމަށް ލައިފި އެވެ.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލައިފަ އެވެ.

މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހޭ އިރު. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި ލިންކް މެދުވެރިކޮށެވެ. ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހެ އެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 3 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހުންނަ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގަ އެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ފޭދޫގައި ޝެލްޓާއެއް ހަދަން ނިންމީ 2023 ގަ އެވެ. އެތަނުގެ މައިގަނޑު މަގުސަދަކީ އިސްރަށްވެހިންނަށް ދޭން ޖެހޭ ޙައްޤު ގަދަރާއި އިހުތިރާމު ހޯދައިދި ނުމަށް މަގުފަހި ކުރުމާއި އެކަންކަމަށް ބާރުއެޅުމުގެ އިތުރުން، އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމެވެ.