މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށުގައި ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ތިނަދޫ، ގާކުރެލި، ރަޝީދުގެ މައްޗަށް މަސްތުވާތަކެއް ޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ އޮގަސްޓް 13، 2017 ގަ އެވެ. އެއީ މެއި 28، 2016 ވަނަ ދުވަހު ދަންވަރު 00:49 އެހައިކަށްހައިއިރު، އަނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އޭނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން އޭނަ ހުއްޓުވި ވަގުތު، ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީ ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.
ދައުލަތުން ދައުވާ ކުރި މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އޮގަސްޓް، 23، 2023 ގައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމަކީ، ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 25،000ރ. އިން ޖޫރިމަނާކުރުމެވެ.
އޭނަގެ ފަރާތުން އިސްތިއުނާފު ކުރި އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ނިންމީ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. އަދި އެގޮތަށް ނިންމީ ހަ އިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.