އިމިގްރޭޝަނުން ވަޒީފާގެ 50 ފުރުސަތަކަށް ހުޅުވާލައި އާދީއްތަ ދުވަހު ބޭއްވި ވޯކް-އިން އިންޓަވިއުގައި ޝަރުތު ހަމަވާ 758 މީހަކާ އިންޓަވިއުކޮށްފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
އިމިގްރޭޝަން އޮފިސަ ޓްރެއިނީންގެ 50 ފުރުސަތަށް ހުޅުވާލައި ބޭއްވި ގަލޮޅު ސްކޫލްގައި އިންޓަވިއު ކުރިއަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން 5:00 އަށެވެ. އިންޓަވިއު ފެށުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު އިންޓަވިއުއެއްގައި ބައިވެރިވާން ކިއު ދަމައިފި އެވެ.
މިކަމަށް ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށް އިމިގްރޭޝަނުން ބުނީ އެ އިދާރާ އިން ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއު އަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށެވެ. އެގޮތުން ޖުމްލަ 861 މީހަކި އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވި އިރު، އިންޓަވިއުގައި ބައިވެރިވެފައިޝަރުތު ހަމަވާ 758 މީހުން ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން ވުނީ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދިއުމު އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް މީހުން ނެގުން އަވަސްކޮށް، ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާ އެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށެވެ.
އިންޓަވިއު ކުރިއަށް ގެންދިއުމުގައި އިމިގްރޭޝަންގެ 50 އަށް ވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވެ އެވ. އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސިފައިވ ކަމަށް ވެސް ބުންޏެވެ.
"އިންޓަވިއުތައް ފުރަތަމަ ކުރިއަށް ގެންދެވުނީ ހަ ޕެނަލެއްގައި. ނަމަވެސް މަސައްކަތް އަވަސްކުރުމަށްޓަކައި، ފަހުން އެ އަދަދު 11 އަށް އިތުރު ކުރެވުނު،" އިމިގްރޭޝަނުން ބުންޏެވެ. "ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ފާހަގަކޮށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން."
އިމިގްރޭޝަނުން ބުނީ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މިގޮތަށް ބާއްވާ އިންޓަވިއުތަކަށް ދާ މީހުންނަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭ ފަދަ ގޮތަކަށް މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއި ފަސޭހަކޮށް ދިނުން ކަމަށެވެ.
އިމިގްރޭޝަނުން ގިނަ އަދަދެއްގެ ވަޒީފާތަކަށް ހުޅުވައިލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މި އަހަރު ހުޅުވާތީ އެ އިދާރާގެ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެތީ އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ގޮތުންނެވެ.