Last Updated: May 28, 06:12
Wednesday, May 28, 2025
ސިޔާސީ

ރައީސްގެ ހާއްސަ މުޝީރަކަށް ކުރީގެ ރައީސް ވަހީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުހައްމަދުި ވަހީދު ހަސަން މަނިކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް ވަހީދު ހަމަޖައްސައި ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ރައީސް ވަހީދަކީ ރާއްޖޭގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު ރައީސްކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނަވަނިކޮށް، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ވަހީދަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއް ވެސް ފުރުއްވި ބޭފުޅެވެ. އަދި އެމަނިކުފާނު ޔުނިސެފުގެ އިސް މަގާމުތަކެއް ވެސް ފުރުއްވި އެވެ.

ރައީސް މުއިއްޒުގެ ހާއްސަ މުޝީރަކަށް ވަހީދު މިއަދު އައްޔަން ކުރެއްވުމަށް ފަހު، އެ މަނިކުފާނާ އެކު ރައީސް ބޭއްވު ބައްދަލުވުމުގައި ވަހީދަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމަށާއި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހި ކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ވަހީދާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ބައްދަލުވުމުގައި ރައީސް ވަޙީދު ވަނީ ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްކި އެވެ.

ރައީސްގެ މުޝީރަކަށް ވަހީދު އައްޔަން ކުރެއްވީ މުސާރައެއް ލިބިވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.