Last Updated: May 28, 08:58
Wednesday, May 28, 2025
މުނިފޫހިފިލުވުން

ސަނީގެ 'ލާހޯރް، 1947' އަހަރުގެ ފަހުކޮޅަށް

ބޮލީވުޑްގެ ތަރި، ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު "ލާހޯރް، 1947" މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ބުނެފި އެވެ.

މީޑިއާތަކަށް އޭނަ ބުނީ އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ މި ވަތަނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެހެންވެ މިހާރު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގޮތެއް ނިމުނާހާ އަވަހަކަށް ތާރީހު އިއުލާން ކުރާނެ ކަމަށް ސަންތޯޝީ ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަކާގައި އޮތް "ލާހޯރް، 1947" އަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރާ ސަބަބުތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ވެސް ޒިންތާ ވެސް ފިލްމުން ފެނުން ހިމެނެ އެވެ.

ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އަހަރުތަކެއް ފަހުން ސަންތޯޝީގެ ފިލްމަކުން ސަނީ ފެނިގެން ދިއުން ވެސް ހިމެނެ އެވެ. އެ ދެ މީހުން އެކީގައި ކުރިން ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވެ އެވެ. އެއީ "ގާޔަލް" އާއި "ދާމިނީ" އަދި "ގަތަކް" އެވެ.

"ލާހޯރް، 1947" ގެ ކާސްޓްގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް، ޝަބާނާ އަޒްމީ އަދި އަލީ ފަޒަލް ވެސް ހިމެނެ އެވެ. މި ރިޕޯޓްތައް ބުނާ ގޮތުން މީގެ ހާއްސަ ފެނިލުމަކުން އާމިރު ވެސް ފެންނާނެ އެވެ. އާމިރުގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޕްރޮޑިއުސްކޮށް، ކުޅެ، އަންނަ މަހުގެ 20 ގައި ގެނެސްދޭ "ސިތާތޭ ޒަމީން ޕަރު" އެވެ.

ސަނީ، 67، ގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި އެކްޝަން ފިލްމު "ޖާޓް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މީގެ ދެވަނަ ބަޔާއި "ބޯޑާ 2" އާއި "ރާމާޔަން" ގެ އިތުރުން ނެޓްފްލިކްސްއާ ގުޅިގެން ސުޕަން ވަރުމާ ޕްރޮޑިއުސްކޮށް، ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެކްޝަން ފިލްމެއް ހިމެނެ އެވެ.