(ޑިސެމްބަރު 8، 2024 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާނުން އެންމެ ފަހުން ބާވައިލެއްވުނު އާޔަތް
ކީރިތި ޤުރުއާނުން އެންމެ ފަހުން ބާވައިލެއްވުނު އާޔަތާއި މެދު ދަންނަބޭކަލުންގެ އަރިހުން އެކި ރައުޔުތައް އައިސްފައިވެ އެވެ. މިފަދައިން ރައުޔުތައް ތަފާތުވުމުގެ ސަބަބަކީ މައުޟޫއާ ގުޅޭ ޞައްޙަ ޞަރީޙަ ދަލީލެއް ނެތުމެވެ. މި މައުޟޫގައި ވާރިދުވެފައި ވަނީ ޞަޙާބީންނާއި ތާބިޢީންގެ ބަސްފުޅުތަކެވެ. އަބޫބަކުރު އަލްބާޤިއްލާނީ "އަލްއިންތިޞާރު ލިލްޤުރުއާނި" އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެ އެވެ: "ޞަޙާބީބޭކަލަކު މި މައުޟޫގައި ވިދާޅުވެފައި ވަނީ އެ ބޭކަލަކު ރަސޫލާ ﷺ ގެ އަރިހުން އެންމެ ފަހުން އަޑުއެއްސެވި ވާހަކަ އެވެ. އެފަދައިން ސަޙާބީއަކު ބަޔާންކު ރައްވާ ރައުޔަކީ އެއީ އެ ޞަޙާބީ މި މައުޟޫގައި ރަސޫލާ ﷺ ގެ އަރިހުން އެންމެ ފަހުން އަޑުއިވިވަޑައިގެންނެވި އާޔަތް ކަމުގައި ވާތީ އެފަދައިން ވިދާޅުވެ ދާނެ އެވެ.
އެހެން ޞަޙާބީއަކަށް އެއަށް ވުރެ ފަހުން މި މައުޟޫގައި އެހެން އާޔަތެއް ރަސޫލާގެ އަރިހުން އަޑުއިވިވަޑައިގެންފާނެއެވެ. އެއް ޞަޙާބީއަކަށް ޙާޒިރު ނުވެވޭ މަޖިލީހަކުން އެހެން ޞަޙާބީއަކަށް އިތުރު ޚަބަރެއް ލިބިވަޑައިގެންފާނެއެވެ. މިހެންވުމުގެ ސަބަބުން ރައުޔުތައް ތަފާތުވެ، ދަންނަބޭކަލުން މައްސަލައާ މެދު އިޖްތިހާދު ކުރައްވައިގެން ރައުޔުތައް ބަޔާންކުރެއްވުމުގެ ސަބަބުން ރައުޔުތައް ތަފާތުވެގެންވެއެވެ. އަދި ބައެއްފަހަރު ބައެއް ޞަޙާބީންނާއި ތާބިޢީން ވަކި މައުޟޫއެއްގައި ޤައިދުކޮށްގެން މިވެނި މައުޟޫއެއްގައި އެންމެ ފަހުން ބާވައިލެއްވުނީ މިވެނި އާޔަތެކޭ ވިދާޅުވެފައިވާ ބަސްފުޅުތައް މުތްލަޤަށް އެހެން މީހުން މާނަ ކުރުމުން ވެސް ރައުޔުތައް ގިނަވެފައިވެ އެވެ.
ފުރަތަމަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް ބަޤަރާގެ 281 ވަނަ އާޔަތެވެ: ﴿وَاتَّقُوا يَوْماً تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ﴾. މިއާޔަތް ބާވައިލެއްވުމަށް ފަހުގައި ނަބިއްޔާ ދުނިޔޭގައި ހުންނެވީ ނުވަރޭ ކަމަށް ވާރިދުވެފައިވެ އެވެ.
ދެވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް ބަޤަރާގެ 278-280 ވަނަ އާޔަތުގެ ނިޔަލަށެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبا إِنْ كُنْتُمْ مُؤْمِنِينَ ﴿٢٧٨﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾ وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ وَأَن تَصَدَّقُوا خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿٢٨٠﴾
މި ރިވާޔަތުގައި އެންމެ ފަހުން ބާވައިލެއްވުނޭ ބުނެވޭ ބަހުގެ މުރާދަކީ އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައި ހިމެނޭ އާޔަތްތަކެއް ކަމަށް ބުނުމެވެ. މީގެ ދަލީލަކީ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެވެ: "އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައި ރިބާގެ އާޔަތްތައް ހިމެނެ އެވެ."
ތިންވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް ބަޤަރާގެ 282 ވަނަ އާޔަތެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَى أَجَلٍ مُسَمّىً فَاكْتُبُوهُ….. ﴾
އިސްވެ ދިޔަ ތިން ރައުޔާއި ބެހޭ ގޮތުން އަލްއިމާމު އައްސުޔޫތީ "އަލްއިތްޤާން" އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެ އެވެ؛ "ތިމަންކަލޭގެފާނުގެ އަރިހުގައި މިތިން ރައުޔުގައި ނަފީކަމެއް ނެތެވެ. (އެބަހީ އެއްރައުޔު އަނެއް ރައުޔާއި ތަފާތުވުމުގައި މައްސަލައެއް ނެތެވެ). ސަބަބަކީ މި އާޔަތްތަކަކީ އެއް ވަގުތެއްގައި، ކީރިތި ޤުރުއާނުގައިވާ ތަރުތީބުން އެއް ވާހަކައެއްގައި ބާވައިލެއްވުނު އާޔަތްތަކެއް ކަމަށް ފާޅުވާތީ އެވެ. އެހެންވުމުން ކޮންމެ ރާ ވީއަކު ވެސް މިއާޔަތްތަކުގެ ތެރެއިން އެންމެ ފަހުން ބާވައިލެއްވުނީ މިވެނި އާޔަތެކޭ ޚަބަރު ދެއްވީ އެވެ."
ހަތަރުވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ރިބާގެ އާޔަތްތަކާއި، ދަރަނީގެ އާޔަތެވެ. (ބަޤަރާ 282).
މި ރައުޔުގެ މުރާދަކީ މުޢާމަލާތުގެ ބާބުގައި އެންމެ ފަހުން ބާވައިލެއްވުނީ މިއާޔަތް ކަމުގައި ބުނުމެވެ.
ފަސްވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތު އާލުޢިމްރާނުގެ 195 ވަނަ އާޔަތެވެ: ﴿فَاسْتَجَابَ لَهُمْ
رَبُّهُمْ أَنِّي لا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى﴾ މި ރައުޔުގެ މުރާދަކީ އަންހެނުންނާއި ގުޅޭ ކަންކަމުގައި އެންމެ ފަހުން ބާވައިލެއްވުނީ މިއާޔަތްކަމުގައި ބުނުމެވެ.
ހަވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުއް ނިސާގެ 93 ވަނަ އާޔަތެވެ: ﴿وَمَنْ يَقْتُلْ مُؤْمِناً مُتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً﴾ މިރައުޔުގެ މުރާދަކީ ޤަސްތުގައި މުއުމިނަކު މަރައިފި މީހާގެ ޙުކުމާއި މެދު އެންމެ ފަހުން ބާވައިލެއްވުނު އާޔަތްކަމުގައި ބުނުމެވެ. ޢަބްދުﷲ ބުން ޢައްބާސްގެފާނުގެ އަރިހުން ވިދާޅުވެފައިވެއެވެ: "މިއާޔަތަކީ އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިންވާ އާޔަތެކެވެ. މީގައިވާ ޙުކުމް މަންސޫޚުވެފައި ނުވެއެވެ."
ހަތްވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނު އާޔަތަކީ ސޫރަތުއް ނިސާގެ 176 ވަނަ އާޔަތެވެ (ކަލާލާގެ އާޔަތެވެ): ﴿يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلالَةِ﴾. އަދި އެންމެ ފަހުން ބާވައިލެއްވުނު ސޫރަތަކީ ބަރާއާ (ތައުބާ) ސޫރަތެވެ.
މި ރައުޔުގެ މުރާދަކީ ވާރުތަ މުދަލުގެ ޙުކުމްތަކުގައި އެންމެ ފަހުން ބާވައިލެއްވުނީ ކަލާލާގެ އާޔަތްކަމަށް ބުނުމެވެ. އަދި ޖިހާދުގެ ޙުކުމްތަކުގައި އެންމެ ފަހުން ބާވައިލެއްވުނީ ތައުބާ ސޫރަތްކަމުގައި ބުނުމެވެ.
އަށްވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް މާއިދާއެވެ. މިރައުޔުގެ މުރާދަކީ ޙަލާލާއި ޙަރާމުގެ ބާބުގައި އެންމެފަހުން ބާވައިލެއްވުނީ މާއިދާ ސޫރަތްކަމުގައި ބުނުމެވެ.
ނުވަވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުއް ތައުބާގެ 128-129 ވަނަ އާޔަތެވެ: ﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ﴾
މި ރައުޔުގެ މުރާދަކީ ސޫރަތުއް ތައުބާއިން އެންމެފަހުން ބާވައިލެއްވުނީ މިދެއާޔަތްކަމުގައި ބުނުމެވެ.
ދިހަވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް ކަހުފުގެ 110 ވަނަ އާޔަތެވެ: ﴿فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً﴾
އެގާރަވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުއް ނަޞްރެވެ. މިރައުޔުގެ މުރާދަކީ ރަސޫލާ ﷺ ގެ އަޖަލު ގާތްވެއްޖެކަމުގެ ޚަބަރުދެއްވުމަށް އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކަކީ މިއީ ކަމުގައި ބުނުމެވެ.
ބާރަވަނަ ރައުޔު: އެންމެ ފަހުން ބާވައިލެއްވުނީ ސޫރަތުލް މާއިދާގެ ތިންވަނަ އާޔަތެވެ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِيناً﴾ އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހު ﷲ "ފަތުޙުލް ބާރީ" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައެވެ: "މީގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅަކީ ކީރިތި ޤުރުއާނުން އެންމެ ފަހުން ބާވައިލެއްވުނީ ﴿وَاتَّقُوا يَوْماً تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ﴾ ކަމަށް ބުނާ ރައުޔެވެ.
މުޙައްމަދު ޢަބްދުލް ޢަޡީމް އައްޒުރުޤާނީ ރަޙިމަހު ﷲ "މަނާހިލުލް ޢިރްފާނި ފީ ޢުލޫމިލް ޤުރުއާނި" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެ އެވެ: "އެކަމަކު ނަފްސަށް ރާޙަތު ލިބެނީ އެންމެ ފަހުން ބާވައިލެއްވުނީ ﴿وَاتَّقُوا يَوْماً تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ﴾ ކަމަށް ބުނާ ރައުޔާއި މެދުގަ އެވެ.
އެއީ ދެ ސަބަބަކަށްޓަކަ އެވެ.
1. މިއާޔަތުގައި ވަޙީ ބާވައިލެއްވުން ނިމުމަކަށް އައުމާއި، އިސްލާމްދީން ފުރިހަމަވެއްޖެކަމަށް އިޝާރާތްކުރާ މާނަތައް އެކުލެވިގެންވާތީ އެވެ. އެއީ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް މިއާޔަތުން ބާރުއަޅާތީއާއި، އަދި އަނިޔާއެއްނެތި އަދި އަދުލުވެރިކަމާއެކު ޖަޒާ ލިބިގަތުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އެނބުރި ދިއުމަށް ހަނދާންކޮށްދޭތީ އެވެ. މި ހުރިހާ ކަމަކީ ވެސް މި އާޔަތުގެ ކުރީގައި ބަޔާން ކުރެވިފައިވާ ޙުކުމްތަކުގެ އާޔަތްތަކަށް ވުރެ ނިންމުމަށް އެންމެ އެކަށީގެންވާ ކަންކަމެވެ.
2. ދެވަނަ ސަބަބަކީ މި އާޔަތް ބާވައިލެއްވުމަށް ފަހު ނަބިއްޔާ ދުނިޔޭގައި ހުންނެވީ އެންމެ ނުވަ ރޭ އެކަނި ކަމަށްވުމެވެ. އަދި އެހެން އާޔަތްތަކަކަށް މިފަދަ ސާފު ނައްޞެއް ލިބިފައެއް ނުވެއެވެ. އަދި މުޙައްމަދު އަބޫ ޝުހުބާ "އަލްމަދުޚަލު ލިދިރާސަތިލް ޤުރުއާނިލް ކަރީމި" އޭ ކިޔުނު ފޮތުގައި ފުރަތަމަ ރައުޔަށް ބާރުދެއްވަމުން ލިޔުއްވާފައިވެ އެވެ." މިއީ އެންމެ ބުރަދަންހުރި ރައުޔެވެ. އަދި މިއީ ޙަދީޘްތަކާއި އަޘަރުތަކަށް ބެލުމަށް ފަހު ނަފްސު އެއަށް ލެނބޭ ރައުޔެވެ. އެއީ އަންނަނިވި ސަބަބުތަކާ ހުރެއެވެ:
ހ. އަހަރެމެން ބަޔާންކުރި ރައުޔުތަކުގެ ތެރެއިން އެއްވެސް ރައުޔަކަށް، މިރައުޔަށް ލިބިފައިވާ ފަދަ އަޘަރުތަކާއި ތަފްސީރުގެ އިމާމުންގެ ބަސްފުޅުތައް ލިބިފައެއް ނުވެ އެވެ.
ށ. މިއާޔަތުގެ ތެރޭގައި އާޚިރަތް ދުވަހުގެ ހަނދާންކޮށް ދިނުމާއި، ކޮންމެ މީހަކަށް ވެސް އޭނާގެ ޢަމަލުގެ ޖަޒާ ދެއްވުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އެނބުރި ދިއުމަށް އިޝާރާތްކުރާ ކަންތައްތައް ހިމެނިފައިވެ އެވެ. އަދި މިއީ ނިންމާލުމަށް އެންމެ އެކަށީގެންވާ ގޮތެވެ.
ނ. މި ރައުޔަށް ލިބިފައިވާ އަނެއް ބާރަކީ އާޔަތް ބާވައިލެއްވުމާއި ނަބިއްޔާ ﷺ ގެ އަވަހާރަވުމާ ދެމެދުގެ ވަގުތު ކަނޑައެޅިގެން ބަޔާންވެފައި އޮތުމެވެ. އެހެން އެއްވެސް ބަހަކަށް މިފަދަ ކަނޑައެޅުމެއް ލިބިފައެއް ނުވެއެވެ." (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.