ހުޅުމާލޭގެ މިސްރާބު އޮތީ ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ކަމަށާއި މުރާޖާކޮށް އަލުން ލޯންޗްކުރި ހުޅުމާލޭގެ މާސްޓަ ޕްލޭނުން އެކަމަށް މަފަހިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަ ޕްލޭނާއި ލޯންޗްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަކީ ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކޮށްފައިވާ މާސްޓަ ޕްލޭނަކީ ހުޅުމާލޭގައި ކުރިއަށްގެން ދިއުމަށް އެމަނިކުފާނު ގަސްތުކުރައްވާ ތަރައްގީގެ މަޝްރޫއުތަކާއި ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާ އެކު ގުޅިލާމެހިގެން ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާނެ ޕްލޭނެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ދުރު ރާސްތާއަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީން ކުރެވިގެން ދާނެ މާސްޓަޕްލޭނެއް ކަމަށެވެ. އެހެންވެ އެ ޕްލޭން ހަގީގަތަކަށް ހެދުމަށް އެންމެންގެ ވިސްނުން އެއްގޮތްކޮށްގެން މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.
"މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމްވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމަންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ،" ރައީސް ވިދާޅުވި އެވެ. "މި ތަނުގައި އިހަށް ދުވަހު އަޅުގަނޑުމެން ތައާރަފުކުރި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު މަޝްރޫ އަކީ އިރާދަކުރެއްވިއްޔާ މިކަން ހަގީގަކަށް ހެދުމުގައި ޓްރާންސްފޯމޭޓިވްް ބަދަލެއް އަންނާނެ ވަރަށް މުހިންމު މަސައްކަތެއް."
އެ މަނިކުފާނު ވިދާޅުވީ އެޗްޑީސީގެ މާސްޓަ ޕްލޭންގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުވެގެން ދާނެ ކަމަށެވެ.