ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ޝިޝާންކް ކައިތާން "ސިންގަލް ޕާޕާ" ކިޔާ ސީރީޒެއް ހަދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭގެ މުހިއްމު ރޯލުތަކަށް ކުނާލް ކޭމޫ އާއި ނީހާ ދޫޕިއާ ސޮއިކޮށްފައިވާ ކަމަށެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ސިންގަލް ޕާޕާ" ގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް ޝިޝާންކްގެ ފަރާތުން އަދި މިހާތަނަށް ދީފައެއް ނުވެ އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ވަރޫން ދަވަނާއި ޖާންވީ ކަޕޫރާ އެކީ ގެނެސްދޭން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.
ޝިޝާންކް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ހަމްޕްޓީ ޝަރުމާ ދީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ދަޅަކް" ގެ އިތުރުން "ގޯވިންދާ ނާމް މޭރާ" ހިމެނެ އެވެ.