ޓެކްހާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ފެށި "8 ވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން" ގައި ދެއްވި ކީނޯޓް ޚިތާބެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރުކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވެ އެވެ.
ޒަމީރު ވިދާޅުވީހާމަކަން ބޮޑު ނިޒާމެއް ޤާއި މުކުރުމުގެ ގޮތުން ރާއްޖެ އޮތީ ހޮންކޮންގްއާ އެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފައި ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަ ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ޤަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ."
އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ޤާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެކުގައި މަސައްކަތްކުރުމުގެ ބާރާއި، ލީޑަޝިޕްގެ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިޤްތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތެއް އެޅިގެންދާކަން ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، މިނިސްޓްރީން އޮތީ ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައޮފަ އެވެ. އެ ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްޙަތު އަދި އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް." ޒަމީރު ވިދާޅުވި އެވެ.
ޓެކްސް ނުދެއްކުމާއި، ޤާނޫނީ ގޮތުން ހުއްދަ ނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.