ރާއްޖޭގައި 'މައްކާ ރޫޓު އިނީޝިއޭޓިވް' މިއަދު ރަސްމީކޮށް އިފުތިތާޙްކޮށްފި އެވެ.
މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ9 ގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި 'މައްކާ ރޫޓް އިނީޝިއޭޓިވް' ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި 'މައްކާ ރޫޓު އިނީޝިއޭޓިވް" ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދުގެ ބޭފުޅުންނާއި، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ދަޢުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަތެވެ.
'މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ހުންނާނީ ނިމިފަ އެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް ވެސް 'މައްކާ ރޫޓު އިނީޝިއޭޓިވް' ގެ ފަރާތުން ޙައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެެ އެވެ.
އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.