Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރީ މިއަދު މެންދުރު ފަހު 3:15 ގައެވެ. އެ ފްލައިޓު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ޖައްސާގެ ކަމަށް ލަފާކުރެވެނީ މިރޭ 8:49 ހާއިރު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ފްލައިޓުގައި ރާއްޖެއިން ފުރާފައިވަނީ 235 ހައްޖުވެރިންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާ އެވެ. އަދި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ހުންނާނީ ނިމިފައި ކަމަށާއި އަދި ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ބުންޏެވެ.