މުރުތައްދުވެފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާ ހާދީ މަޓާރަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ރުޝްދީ، 77، އަށް އޭނަ ހަމަލާ ދިނީ އޮގަސްޓް 12، 2022 ގަ އެވެ. ވަޅިއަކުން ރުޝްދީ އަށް ހަމަލާ ދިނީ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ރުޝްދީ ތަގުރީރުކުރަން އުޅެނިކޮށް ސްޓޭޖަށް އަރަ އެވެ.
އެ ހާދިސާއާ ގުޅިގެން އެމެރިކާގެ ނިއު ޖާޒީ އަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނާގެ އުފުލި ދައުވާތަކުގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
ރުޝްދީ އަށް ދިން ހަމަލައާ ގުޅިގެން އޭނަގެ ކަނާތު ލޯ ކަނުވެ، ފުރަމައެއް ވެސް ގެއްލުންވެ، އެއް އަތުން ވާގި ވެސް ނެތިފައިވެ އެވެ. އެ ހާދިސާގެ ވާހަކަ އޭނަ މިދިޔަ އަހަރު "ނައިފް" ގެ ނަމުގައި ލިޔުނު ފޮތެއްގައި ވެސް ކިޔައި ދީފައިވެ އެވެ.
ރުޝްދީ އަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެތައް ލިޔުމެއް ލިޔެފައިވާ މީހެކެވެ. މިކަމާ ގުޅިގެން އޭނަ އަށް އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައިވެ އެވެ. ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބު އޭނަ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ 1989 ގައި ފަތުވާއެއް ވެސް ނެރުއްވާފައިވެ އެވެ.
މަޓާރަށް އިއްވި ހުކުމާ ގުޅިގެން ބީބީސީ ރޭޑިއޯ އަށް 4 އަށް ދިން އިންޓަވިއުއެއްގައި ރުޝްދީ ބުނީ ހުކުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުމަކީ ކިހާ ވޭނީ ކަމެއްލަން މަޓާރަށް އިހުސާސް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.