ކުރިން މިދިޔަ އަހަރުގެ ތެރޭގައި ގެނެސްދޭން ޕްލޭންކުރި ބޮލީވުޑްގެ ފިލްމު "ދަޅަކް 2" މި އަހަރުގެ އޮގަސްޓް 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމު ލަސްވީ ސެންސަރު ބޯޑުގައި ތާށިވެ، ގިނަ ދުވަސްތަކެއްވުމާ ގުޅިގެންނެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަޅަކް 2" ގެ ތަރިންނަކީ އަލަށް އެކީގައި މަސައްކަތްކުރި ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ އެވެ. އެ ދެ ތަރިން ކުރިން ވެސް ދަރުމާގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވެ އެވެ. ސިދާންތު ދަރުމާ އަށް ކުރިން ކުޅުނު ފިލްމަކީ 2022 ގެ "ގެހާރިއާ" އެވެ. ޓްރިޕްތީގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޭޑް ނިއުސް" އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައި ދޭނެ "ދަޅަކް 2" ގެ ޑައިރެކްޓަރަކީ ޝާޒިއާ އިގްބާލެވެ.
ދަރުމާ އިން 2018 ގައި "ދަޅަކް"؛ ގެ ނަމުގައި ވެސް ފިލްމެއް ގެނެސްދީފައިވެ އެވެ. ޝިޝާންކް ކައިތާން ޑައިރެކްޓްކުރި އެ ފިލްމަކީ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.
ނަމަވެސް އެ ފިލްމާއި "ދަޅަކް 2" އާ އެއްވެސް ގުޅުމެއް ނެތެވެ.