ކޮރަޕްޝަނަށް އެއްވެސް މީހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެޗްޑީސީން ހުޅުމާލެ ތަރައްގީގެ މާސްޓާ ޕްލޭނަށް ގެނައި ބަދަލާއި އެ ކުންފުނީގެ އައު ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަަށް ހިންގާ ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް ކަމަށެވެ.
"ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން ހަމަ އެކައްޗެއް ކިޔާފައި، ނޫނެކޭ ބުނާކަމަކަށްވާން. އެއީ، އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުޞަތު ދޭނެ ކަމެއްނޫން. ހަމަ ޙަޤީޤަތުގައިވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއްނެތި ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކުން މިކަމުގައި އަތުކުރި އޮޅާލައިގެން ބުރަ މަސައްކަތްތަކެއް ކުރަން އެދިވަޑައިގަންނަވާ ކަމަށާއި ހިންގުމުގެ ނިޒާމު، ވެރިކަމުގެ ނިޒާމު، ކުންފުނިތައް ހިންގުމުގެ ނިޒާމު، ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވުނު ވަރަކުން، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައިސް މިތިބީ، ޓައީ އަޅައިގެން މަސައްކަތްކުރަން ރައްޔިތުން ބުނެގެން، ހަވާލުކޮށްގެން. ރައްޔިތުންނަށް މި ކަންތައްތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމާ. އެކަމަކު އެ ހޯދާ މުސާރައަކީ، އާމްދަނީއަކީ ހެޔޮގޮތުގައި، ހޯދާ އެއްޗަކަށް ވާންޖެހޭ. އެއިން ބޭރުން ކަންތައްތައް ލިބިގަންނަން އޮންނަ ފުރުޞަތަކަށް އެ ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެޗްޑީސީން މިއަދު އިފްތިތާހުކުރި ވެބްސައިޓަކީ، ގުޑް ގަވަނަންސް އެންޝުއާ ކުރުމުގައި ހުޅުވައިލެވިގެންދާ ވަރަށް މުހިންމު ދޮރޯއްޓެއް ކަމަށާއި ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ދެފުށް ފެންނަ ގޮތެއްގައި، އިޚްލާޞްތެރި ޚިދުމަތެއް ކުރުމުގައި، ކުރިއަށްދިޔުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވާއިރު އެޗްޑީސީން ކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.