Last Updated: May 28, 09:16
Wednesday, May 28, 2025
ޚަބަރު

ޖައިޝަންކަރު، ހަލީލްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ސިޔާސީ އަދި ތަރައްޤީގެ އެއްބާރުލުން މުރާޖަޢާކޮށް، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ދެ ޤައުމުގެ ލީޑަރުން ކަނޑައަޅުއްވާފައިވާ ވިޝަން ޑޮކިއުމަންޓް އަވަހަށް ތަންފީޒުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ހަލީލު އިންޑިއާ އަށް ވަޑައިގެންނެވީ ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، 'އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް' ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެކެވެ.