މިދިޔަ އަހަރު ކާޑު މުއާމަލާތްތަކުގެ އަދަދު 87 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ކާޑު މެޝިން މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 55 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 14 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖެއިން ބޭރުގައި ކާޑުން ހިންގާފައިވަނީ 9 މިލިއަން ރުފިޔާގެ މުއާމަލާތް ކަމަށްވާއިރު، އޮންލައިން ވިޔަފާރިކުރުމަށް ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު ވެސް 9 މިލިއަނަށް އަރާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަރނޭޝަނަލް ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.