ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ސައުދި އަރަބިއްޔާގެ ޖިއްދާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ޖިއްދާ އެއާޕޯޓުން ހައްޖުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު އެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނެނީ 235 ހައްޖުވެރިންނެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާ އެވެ. އަދި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ހުންނާނީ ނިމިފައި ކަމަށާއި އަދި ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ބުންޏެވެ.