Last Updated: June 1, 05:49
Sunday, June 1, 2025
ދުނިޔެ

އީޔޫއިން އިޒްރޭލަށް ފިޔަވަޅު އަޅަންޖެހޭ: ސްވިޑެން

ފަލަސްތީނުގެ ގާޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކާއި ގުޅިގެން އީޔޫއިން އެގައުމަށް ފިޔަވަޅު އަޅަން ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ގޮވާލައިފި އެވެ.

އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މި އޮޕަރޭޝަން ހުއްޓާލައި ގާޒާއަށް އިންސާނީ އެހީތެރިކަން ވައްދަން އަޅާފައިވާ ހުރަސްތައް ނައްތާލަން ގައުމުތަކުން އަންނަނީ އިޒްރޭލަށް ގޮވާލަމުންނެވެ. ނަމަވެސް މި ގޮވާލުމަށް އިޒްރޭލުން އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ.

ސްވިޑެންގެ ބޮޑުވަޒީރު ވިދާޅުވީ ގާޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް އިޒްރޭލު ސަރުކާރުން ކުރަމުންދާ ކަންކަމަކީ އެއްގޮތަކަށް ވެސް ތާއީދު ކުރެވޭނެ ކަންކަން ނޫން ކަމަށާއި އީޔޫއިން އިޒްރޭލަށް މިކަމުގައި ފިޔަވަޅު އަޅައި ގާޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް އިޒްރޭލަށް ބާރުއަޅަންޖެހޭ ކަމަށެވެ.

އަދި އިޒްރޭލުގެ އަމަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން އެގައުމުން ސްވިޑެން އަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމަށްވެސް ކްރިސްޓާސަން ވިދާޅުވި އެވެ.

ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒްރޭލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާއިން ވެސް މީގެކުރިން ވަނީ ދީފަ އެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.