Last Updated: June 1, 05:49
Sunday, June 1, 2025
ޚަބަރު

އުއްތަމަފަނޑިޔާރު ގުޅުއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މުއާމަލާތް ކުރެއްވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނަޝީދާއި މުއާމަލާތްކުރި ކަމަށްބުނެ ރާއްޖެ.އެމްވީ އިން އިއްޔެ ދުވަހު ޝާޢިއުކޮށްފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އަލިފުން ޔާޔަށް އޭގައި އެހެރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު،" އެ ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާ މެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށާއި އަދި ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިޔަތުތަކާއި ވާޖިބުތައް އުފުއްލަވާ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މި ބަޔާން ހިއްސާކުރައްވާ ނަޝީދު އެއްކަސްގައި ވަނީ، މިބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ އެ މަގާމުން ރިޓަޔާ ކުރައްވަން މި މަހުގެ ކުރީކޮޅު ޖޭއެސްސީއަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެކަމާމެދު ޖޭއެސްސީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އެކުލަވާލި ފަހުން އެންމެ ގިނަ އަހަރު އެ ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅާ އެވެ.