ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިން މި ފަހަރު މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ދިވެހި ހައްޖުވެރިން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ހައިސްޕީޑް ރޭލުގައި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި އަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރުތައް ކުރާނީ ހައިސްޕީޑް ރޭލުގައި ކަމަށް ޝަކީލް ވިދާޅުވި އެވެ.
"މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ،" ޝަކީލް ވިދާޅުވި އެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި އިއްޔެ ސައުދީއަށް ގޮސްފައިވާއިރު، މި ގްރޫޕްގައި ހިމެނެނީ 235 ހައްޖުވެރިންނެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާ އެވެ. އަދި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ހުންނާނީ ނިމިފައި ކަމަށާއި އަދި ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ބުންޏެވެ.