Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ފައިނޭންޝަލް އޮތޯރިޓީ އަށް ސީއީއޯއެއް ހޯދަނީ

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީއަށް ސީއީއޯއެއް ހޯދަނީ 5-10 އަހަރު މުއްދަތަށް ކަމަށާއި އެ މަގާމުގެ މުސާރައަކީ 57،000ރ. ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމާ ގުޅުން ހުރި ދާއިރާތަކުން 20 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ގާނޫނީ، އިކޮނޮމިކްސް، އެކައުންޓިން ނުވަތަ ބިޒްނަސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ.

މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާސަސް އޮތޯރިޓީ އުފެއްދެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެއްގެ ގޮތުގައި ފައިނޭންޝަލް އޮތޯރިޓީ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގައި ބަޔާންވެފައިވާ އޮފްޝޯ އަދި އޮންޝޯ ފައިނޭންސިން ޚިދުމަތްތަކާއި އޮންޝޯ އަދި އޮފްޝޯ ޑިވެލޮޕްމެންޓް ބޭންކިން ޚިދުމަތް ގާއިމުކުރުމެވެ.

ފައިނޭންސް އޮތޯރިޓީގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.