ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފައިވާތީ، ރޭ ރައުދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ރައުދު ބަންދުން ދޫކޮށްލިއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ 5 ދުވަސް ޖަހައިފަ އެވެ.
ރައުދުގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ގަރީނާ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.