Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ސިފައިންގެ 'ބްލެކް މާލިން' ނިންމާލައިފި

އެމެރިކާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި އެކްސަސައިޒް "ބްލެކް މާލިން" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ޓްރެއިނިން ނިންމައިލަން އިއްޔެ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ރަފުވެރިކޮށް ދެއްވީ، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 4-26 ގެ ނިޔަލަށް، މާ ލެއާއި ލ. އަތޮޅުގައެވެ. މާލޭގައި ކުރިއަށް ގެންގޮސްފައި ވަނީ ސަބްޖެކްޓް މެޓަ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމެވެ. އަދި އިންފެންޓްރީ ޕެކޭޖް ކުރިއަށް ގެންގޮސްފައިވަނީ ލ.އަތޮޅުގަ އެވެ.

މި ތަމްރީނުތަކުގައި، އެމްއެންޑީއެފް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓް (އީއޯޑީ) އާއި، އެމްއެންޑީއެފް ސާވިސް ކޯގެ އިތުރުން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސާވިސް (ޑީއައިއެސް) އާއި އެމްއެންޑީއެފް މެޑިކަލް ސާވިސް އާއި އެމްއެންޑީއެފް މެރިން ކޯ އަދި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް) ގެ ސިފައިން ބައިވެރިވިއެވެ.

އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ބޭއްވި މި ތަމްރީނުގައި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.