Last Updated: May 28, 09:16
Wednesday, May 28, 2025
ޚަބަރު

މަތިކިޅި އިކޯ ގާޑަންގައި އަނެއްކާ ވެސް ރޯވެއްޖެ

އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަންގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން މަތިކިޅި އިކޯ ގާޑަން ބާއި މަތިކިޅި ސޮސައިޓީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ރޭ ފަތިހުގެ ވަގުތެއްގައި އަނެއްކާ ވެސް މަތިކިޅީގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. މި ފަހަރު ރޯކުރީ އިކޯ ގާޑަންގެ އެންޓްރީ ވޯލްކުވޭގެ ދެކުނު ފަރާތުގައި ކަމަށް އެ ޖަމިއްޔާ އިން ބުންޏވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔަ ޓީމުން އަލިފާންގަނޑު މިހާރު އޮތީ ކޮންޓްރޯލްކޮށްފަ އެވެ.

މަތިކިޅި ސޮސައިޓީން ބުނީ އެތަނުގައި ދޭތެރެ ދޭތެރެ އިން އަލިފާނުގެ ހާދިސާތައް ހިނގަނީ މިއީ ސީދާ އީކޯ ގާޑަނަށް ގެއްލުން ދިނުމަށް ބަޔަކު މަސައްކަތް ކުރާތީ ކަމަށެވެ.

އެގޮތުން ރޭ ފަތިހު ވެސް ރޯވީ ބަޔަކު ރޯކޮށްލުމުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން." މަތިކިޅި ސޮސައިޓީން ބުންޏެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް މަތިކިޅި އިކޯ ގާޑަންގައި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން މާޗް މަހުގެ 19 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތަނު ގްރާސް ފިލްޑުގެ ގާތްގަނޑަކާށް 60 ޕަސެންޓް އަނދައި އަޅިއަށްވެފައިވާ ކަމަށް އޭރު މަތިކިޅި ސޮސައިޓީން ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އެތަނުގައި ހިނގައި ދިޔަގެ އަލިފާނުގެ ހާދިސާގެ ސަބަބުން މަތިކިޅީގައި އުޅޭ ދޫނިތަކުގެ މާހައުލު ވެސް އަހަރުތަކަކަށް ގެއްލިގެން ދިޔައީ ކަމަށެވެ.

މަތިކިޅި އިކޯ ގާޑަން އަކީ އައްޑޫގައި ހިމެނޭ ގުދުރަތީ ގޮތުން ހިމެނޭ އެންމެ ހާއްސަ ތަންތަނުގެ ތެރެއިން އެއް ތަނެވެ. އަދި އެތަނަކީ އައްޑު އަށް އަންނަ ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.