މި ފަހުގެ ތާރީހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިންސާނިއްޔަތު ކަމެއް ނެތް މީހަކު ރާއްޖެ ނުދެކޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ޖަމީލު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި "އިންސާނަކު ގޮތްކުޑަ ވާނީ މިވަރަށް" ކަމަށެވެ.
"ޖަނަވާރުން ވެސް އެ ގެންގުޅޭ މީހާ ދަނޭ." އޭނަ ވިދާޅުވި އެވެ.
ޖަމީލު ތަކުރާރުކޮށް ރައީސަށް ނިސްބަތް ކުރައްވައި މިފަދަ މޭރުންތަކުން ވާހަކަ ދައްކަވަމުން ގެންދަވާ އިރު، ޖަމީލަކީ ރައީސް މުއިއްޒާ ދެކޮޅަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ޔާމީން އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފް) ގައި އެންމެ އިސްކޮށް އުޅުއްވާ އެކެކެވެ.
ޔާމީންގެ މައްޗަށް އުފުލާލާފައިވާ ހިޔާނާތުގެ އެކި މައްސަލަތަކުގައި އުފުލާފައިވާ ދައުވާތަކަށް، ޔާމީންގެ ފަރާތުން ވަކީލެއްގެ ގޮތުގައި އިސްކޮށް އުޅުއްވަނީ ވެސް ޖަމީލެވެ.
ރައީސް މުއިއްޒަކީ އިންސާނިއްޔަތު ކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ޖަމީލު ސިފަ ކުރައްވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ޝަރުއީ ދާއިރާ އަށް ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވަ އެވެ.