ޕްރިޔަންކާ ޗޯޕްޅާ ކުޅުނު ކާމިޔާބު ބައޮގްރަފިކަލް ޑްރާމާ "މޭރީ ކޮމް" ގެނެސްދިން ޑައިރެކްޓަރު އޮމަންގް ކުމާރު ރޮމޭންޓިކް އެކްޝަން ޑްރާމާއެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
ފިލްމުގެ ނަން ހާމަނުކޮށް، މީގެ ލީޑް ކާސްޓް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ތަރިންނަކީ "ސަނަމް ތޭރީ ގަސަމް" ގެ ބަތަލު ހާޝްވަރުދަން ރާނޭ އާއި ދާދި ފަހުން ރިލީޒްކުރި ޖޯން އަބްރަހަމްގެ "ދަ ޑިޕްލޮމެޓިކް" ގެ ރޯލެއް ކުުޅުނު ބަތަލާ ސާދިއާ ޚަތީބްގެ އިތުރުން ޓީވީ އެކްޓަރު ކަރަންވީރު މެހެރާ އާއި އިޕްސިތާ އެވެ.
ކަރަން އަކީ މި އަހަރުގެ ޖެނުއަރީގައި ކަލާސް އިން ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 18 ކާމިޔާބުކުރި ސެލެބްރިޓީ އެވެ. އޭނަ އޮމަންގް ފިލްމަށް ސޮއިކުރި އިރު، ކުރިން ވެސް ފިލްމުތަކެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވެ އެވެ. ކަރަން ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ބްލަޑީ އިޝްގް"، "މޭރޭ ޑޭޑް ކީ މަރޫޓީ" އަދި "ރާގިނީ އެމްއެމްއެސް 2" ހިމެނެ އެވެ.
އޮމަންގް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ވިވެކް އޮބެރޯއީ ކުޅުނު 2019 ގެ "ޕީއެމް ނަރެންދުރަ މޯދީ" އެވެ. ވަރަށް ގިނަ ފިލްމުތަކެއްގައި އާޓް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އޮމަންގެ ޑައިރެކްޓްކުރި އިތުރު ފިލްމުތަކަކީ އައިޝްވާރިއާ ރާއީގެ 2016 ގެ "ސަރަބްޖީތު" އާއި ސަންޖޭ ދަތުގެ 2017 "ބޫމީ" އެވެ.