މަސްވެރިކަމުގެ ސިނާއަތުގައި 'ބްލޫ އިކޮނޮމީ' ޕްރޮމޯޓްކޮށް އެން ރައްކަތެރިކުރުމާއި ދޯނިފަހަރުގައި ކަންނެލި ގެންގުޅޭނެ ގޮތުގެ ސެމިނާއެއް ފަށައިފި އެވެ.
މީރުމާ ހޮޓެލްގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ ޝަރަފުވެރިކޮށް ދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ. އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އެ މިނިސްޓްރީ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސެމިނާގައި މަސްވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތަކާ ޓެކްނޮލޮޖީގެ އެހީގައި ދިރޭ އެން ދޯނީގައި ރައްކާ ކުރާނެ ގޮތުގެ މައުލޫމާތު ދެވޭނެ އެވެ. އަދި ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމާ ގުޅޭ ގޮތުން ވެސް މައުލޫމަތު ދޭނެ އެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިތައް ގުޅުވާލުމާ ގުޅޭ ގޮތުންނާއި ވެމަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، ފެންވަރާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގެ މައުލޫމާތުވެސް ވެސް ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މިނިސްޓްރީން ބުނީ "ޓޫނާ ރިންގް' ތައާރަފުކޮށް، އިކެޖިމޭ މެތޮޑް ތަންފީޒުކޮށްގެން ކަންނެލީގެ ކޮލިޓީ ދެމެހެއްޓުމަށް މަސް ދޯނިފަހަރުގައި އަމަލުކުރާނެ ގޮތާ ގުޅޭ މައުލޫމާތު ވެސް ސެމިނާގައި ދެވޭނެ އެވެ.
އަދި މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފް ކުރުމުން އެމުގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުދި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ގެނައުމަށް އެހީތެރިވުމަށް އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމުގެ ތަޖުރިބާކާރުންނާއި ކަމުގެ މާހިރުން މައުލޫމާތު ދޭނެ އެވެ.