ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އިޖާބަ ދެއްވާފައިވާތީ ކަންބޮޑުވުންތައް ހިމަނާފައިވާ ސިޓީއެއް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގެ ތަރައްގީގެ ކަންކަމުގަައި މުޖުތަމައުތަކުގެ ހައްގުތަކާއި ބައިވެރިވުން ކަށަވަރު ކުރުމަށް އެދި އާބާދީގެ ތިންބައިކުޅަ ދެބައި ރައްޔިތުން ތަމްސީލުކުރާ ކައުންސިލްތަކުން ދެ ކަމެއް ރައީސަށް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމުގަ ކައުންސިލްތަކާއި މުޖުތަމައުތަކާ ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރުމަށާއި، ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމާ މެދު ފާހަގަ ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް އެދިފައިވެ އެވެ.
އެ ސިޓީ ރައީސް އޮފީހަށް ހުށަހެޅި މާލެ، އައްޑޫ، ކުޅުދުއްފުށި، ސިޓީ ކައުންސިލާއި، ހއ، ނ، ބ، އަދި ލ އަތޮޅު ކައުންސިލްތަކުގެ އިތުރުން 20 ރަށު ކައުންސިލަކުން ސޮއިކޮށެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުމާއި ކައުންސިލްތަކުން ބޭކާރު ހަދަރުތައް ކުރާ ކަމަށް ވިދާޅުވެ ރައީސް މި ފަހުން ދައްކަވަމުން ގެންދަވާ ވާހަތަކާ ގުޅިގެން އެކި ކައުންސިލްތަކުންނާއި ކައުންސިލަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.