Last Updated: May 29, 10:52
Thursday, May 29, 2025
ޚަބަރު

ދިވެހި ބަސް ކިޔަވައި ނުދޭން ނިންމުމުން މަލިކުގައި މުޒާހަރާ

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) އާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލަން ނިންމުމާ ގުޅިގެން މަލިކު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ މީހުންގެ މުޒާހަރާހައި ޑިމާންޑް ކުރަނީ އެ ދެ ބަސް ވެސް އަލުން ކަރިކިއުލަމްގައި ހިމަނައި ދިނުމަށެވެ. މިހާރު އިންޑިއާގެ ދަށުގައި އޮންނަ މަލިކަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަލު އުޅޭ ރަށެކެވެ. އަދި މަލިކު މީހުންނަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުންނަ ބައެކެވެ.

މަލިކުގައި މަހަލް ބަސް ކިޔަވައި ނުދޭން ނިންމުމަކީ ތައުލީމީ ނިޒާމަށް އެކަނި ދޭ ހަމަލާއެއް ނޫން ކަމަށާއި ކަމަކީ މަލިކު މީހުންގެ ސަގާފަތާއި ނަސްލަށް ދޭ ހަމަލާއެއްގެ ގޮތުގައި މަލިކު މީހުން ސިފަކުރެ އެވެ. އެހެންވެ މިއީ އެ މީހުންގެ ސަގާފަތް ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށާއި އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އާންމުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދި ނުން ހުއްޓައިލަން ނިންމުމާ ގުޅިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މަލިކާ އެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ މެމްބަރު ހަމްދުއްލާ ސައީދު ވަނީ އެ އެންގުން ބާތިލުކޮށް، ކަރިކިއުލަމްގައި އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި އެ ނިންމުން ނިންމާފައި ވަނީ ސްކޫލުގެ މެނޭޖްމަންޓް ކޮމިޓީ އާއި ޓީޗަރުންނާއި ބެލެނިވެރިން އަދި އިންތިހާބުކޮށްފައިވާ މަންދޫބުންނާ މަޝްވަރާ ވެސް ނުކޮށް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެގޮތަށް ނިންމީ ސަމާ ބްރޭކަށް ސްކޫލުތައް ބަންދުކުރި ދުވަސްވަރާ ދިމާކޮށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދިވެއްސާއި އަރަބި ބަހަކީ މަލިކު މީހުންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިލާމެހިފައިވާ ބަސްތަކެއް ކަމުގައި ފާހަގަކޮށް ސިޓީގައި ބުބީ ސްކޫލުތަކުގައި އެ ދެ ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމި ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. އަދި ތައާރަފުކޮށްފައިވާ ތްރީ-ލެންގްއޭޖް ފޯމިއުލާގެ ތެރޭގައި ދިވެެއްސާއި އަރަބި ބަސް ހިމަނައި، އަލުން ކިޔަވައިދޭން ފެށުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށާއި ކެރަލާ އަދި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އިހުތިޔާރީ މާއްދާތަކެއްގެ ގޮތުގައި ދިވެއްސާއ އަދި އަރަބި ބަސް ހިމެނުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ.