ކުރިއަށް އޮތް ބޮޑު އީދު އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރުވަމުން އަންނަ އިރު، ހިތަދޫ ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހިތަދޫ ސްޓޭޖް ސަރަހައްދަކީ ހިތަދޫގައ ބާއްވާ ބޮޑެތި އިވެންޓްތައް އާންމުކޮށް ބާއްވާ ސަރަހައްދެކެވެ. އެގޮތުން ސްޓޭޖް ތައްޔާރުކޮށް ހިޔާ ކުރުމުގެ މަސައްކަތް ލޯކަލް މިނިސްޓްރީގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ފަރާތުންނެވެ.
ބޮޑު އީދު ފާހަގަކުރަން "އައްޑޫ އީދި ސަމާ 1466" ގެ ނަމުގައި އަންނަ މަހުގެ 5-13 އަށް މުޅި އައްޑު އަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ބާއްވަން ކައުންސިލުން އޮތީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިތަދޫ ސްޓޭޖްގައި މިއުޒިކް ޝޯއެއް ބޭއްވުން ވެސް ހިމެނެ އެވެ.
އެ ޝޯގައި ބޭރުގެ ބައެއް ފަންނާނުން ވެސް ޕަފޯމްކުރާނެ އެވެ.