Last Updated: May 29, 13:34
Thursday, May 29, 2025
ޚަބަރު

ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެޕްލިކޭޝަން ހޯމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެ މަގާމަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ނަންތައް ޕޮލިސް ބޯޑުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.