ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރަމް
ހަށިގަނޑުގައި ހުންނަ ހޯމޯންސް އަށް އަންނަ ބަދަލަކާ ގުޅިގެން އޯވަރީގައި ކުދިކުދި ސިސްޓް އުފެދުމުގެ ސަބަބުން އޯވަރީގައި ބިސް ރަނގަޅަށް ބޮޑުވާން ހުރަސް އެޅެ އެވެ. މިއީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޮމްގެ ސަބަބުން ދިމާވާ ކަމެކެވެ. ހޯމޯންސް އަށް މި އަންނަ ބަދަލުގެ ސަބަބުން ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނައިން އުފެދެން މެދުވެރިވެ، މައްސަރު ކަންތައް ޖެހުމުގައި މައްސަލަތައް ދިމާވެ އެވެ.
މިއީ ދަރިމައިނުވުމުގައި ގިނަފަހަރަށް ދިމާވާ މައްސަލައެކެވެ. މިކަން ރަނގަޅު ކުރުމަށްޓަކައި ކެއުން ބުއިމަށް އެދެވޭ ބަދަލު ގެނައުމާއި، އެކަށީގެންވާ މިންވަރަކަށް ބަރުދަން ބެހެއްޓުމާއި، ގަވައިދުން ކަސްރަތު ކުރުމަކީ ކުރެވިދާނެ ވަރަށް މުހިންކަމެކެވެ. މީގެ އިތުރުން މައްސަރުކަންތައް ޖެހުމުގައި ދިމާވާ މައްސަލަ ރަނގަޅު ކުރުމަށް ޑޮކްޓަރުގެ ލަފާގެ މަތިން މަސައްކަތް ކުރުން މުހިންމެވެ.
އޯވިއުލޭޝަން މައްސަލަ
އޯވިއުލޭޝަން މައްސަލަ އަކީ އޯވަރީގައި ރަނގަޅަށް ބިސް ބޮޑު ނުވުން ނުވަތަ އޯވަރީއިން ބިސް ބޭރުކޮށް ނުދެވުމެވެ. މައްސަރުކަންތައް ގަވައިދުން ނުޖެހުމަކީ އޯވިއުލޭޝަން މައްސަލަ ހުރި ކަމުގެ އަލާމާތެކެވެ. މީގެ އިތުރުން އާދަޔާހިލާފަށް މަދުން ނުވަތަ ގިނައިން ލޭ އައުމަކީ ވެސް އޯވިއުލޭޝަންގެ މައްސަލައެއްކަމަށް ބެލެވިދާނެއެވެ.
އޯވިއުލޭޝަން މައްސަލަ ހައްލު ކުރުމަށްޓަކައި ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ގަވައިދުން ކަސްރަތު ކުރުމާއި، އެކަށީގެންވާ ބަރުދަނެއްގައި ހުރުން މުހިންމެވެ.
އެންޑޯމިޓްރިއޯސިސް
އެންޑޯމިޓްރިއޯސިސް އަކީ ރަހިމުގެ އެތެރޭ ދުލިފަށުގެ ސެލްސްތައް ރަހިމުގެ ބޭރުގައި އަށަގަތުމެވެ. ދިރާސާ ތަކުން ދައްކާގޮތުން މި ހާލަތު މެދުވެރިވުމަށް ދިމާވާ އެތައް ސަބަބުތަކެއްވެ އެވެ.
މި ހާލަތުގައި ބައެއް އަންހެނުންނަށް އެއްވެސް އުނގަދުލެއް މެދުވެރި ނުވިނަމަވެސް އަނެއްބައި ފަރާތްތަކަށް މައްސަރުކަންތަކުގެ ދުވަސްވަރު މާ ބޮޑަށް ބަނޑުގައި ރިއްސުމާއި، މާގިނައިން ލޭ އައުމާއި ބަނޑުގެ ތިރިން ދެ ފަރާތުގައި ރިއްސުން ފަދަ ކަންކަން މެދުވެރި ވެއެވެ. އަދި އަނބިފިރިކަމުގެ ގުޅުނހިންގުމުގައި ތަދުވާ ގޮތްވެ އެވެ. މިކަމުގެ ސަބަބުން ދަރިމައިވުން ލަސްވުން ނުވަތަ ދަރިމައިވުމުގައި ހުރަހަކަށް މިކަން ވެ އެވެ.
ޓިޔުބަލް ފެކްޓާސް
ބައެއް އަންހެނުންނަށް ފެލޯޕިއަންޓިއުބް (ބިސްދަތުރުކުރާ ހޮޅީގެ) މައްސަލަތަށް ދިމާވެ އެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އިންފެކްޝަނެއްގެ ސަބަބުން ނުވަތަ އުފެދުމުގައ ފެލޯޕިއަންޓިއުބްގެ އެތެރޭ ދުލިފަށުގެ ސިލިއަރީ ހެއާ ގައި މައްސަލަހުރުމުގެ ސަބަބުން ރަހިމަށް ބިސް ދަތުރުކުރުމުގައި ދަތިތައްކުރިމަތިވެ ބަލިވެ އިނުމަށް ހުރަސް އެޅޭ ގޮތް މެދުވެރި ވެއެވެ.
މީގެ އިތުރުން ޓިޔުބް ބެދިފައި ހުރުމަކީ ވެސް ދިމާވެދާނެ މައްސަލައެކެވެ.
މަސްދަރު: މޭލުގާ