Last Updated: May 29, 10:27
Thursday, May 29, 2025
ޚަބަރު

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުވައިފި

އައިޖީއެމްއެޗްގައި ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް މިއަދު ހުޅުވައިފި އެވެ.

ހަވީރު އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ގާއިމުކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ ކުރިމަތީގަ އެވެ.

އެތަނަކ އޮޕަރޭޝަން ބަލިތަކުގެ ބަލި މީހުންގެ ތެރެއިން ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

އެ ވިންގުން ދޭނެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، އެތަން ވަނީ އެކި ކަހަލަ ބަލިތަކުގެ ހާލުދެރަ ފަރާތްތަކަށް ވެސް ފަރުވާ ދެވޭ ގޮތަށް ފަރުމާކޮށްފައެވެ. އެގޮތުން، ސާޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއާ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއް ވެސް ގާއިމުކޮށްފައިވެ އެވެ.

އެތަނުގެ ޖެނެރަލް ވޯޑުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު ހިމެނެ އެވެ. މީގެ އިތުރުން، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ ދެ އެނދުގެ ވަކި ޔުނިޓެއްވެސް ހިމެނެ އެވެ. އަދި 28 ފާހާނާ އާއި ހަ ނާސިންގ ސްޓޭޝަން ވެސް ގާއިމުކޮށްފައިވެ އެވެ.

މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއެކު، އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންގެން ދާނެ އެވެ.