ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމު ކަމަށްވާ އެކްޓަރު ވިކީ ކޯޝަލްގެ "ޗާވާ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ދެން ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާގެ ރޯލު ޝްރަދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ މަރާޓީ ވާހައަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި މިއަށް އޭ-ލިސްޓް އެކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ލަކްޝްމަންގެ އާ ފިލްމަކީ ވެސް "ޗާވާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ހަދާ ފިލްމެއް ކަމަށެވެ. ޝްދަރާ އަކީ އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އިސްތިރީ" ގެ ބަތަލާ އެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ ކަޕޫރް ޕްރޮޑިއުކޮސްކޮށް، "ތުމްބަޅް" ގެ ޑައިރެކްޓަރު ރާހީ އަނިލް ބަރްވޭ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ތުރިލާއަކަށް ޝްރަދާ އަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ފީގެ މައްސަލަގައި އެއްބަސްވުމަކަށް ނާދެވުމުން، އެ ފިލްމު ޝްދަރާ ދޫކޮށްލާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ލަކްޝްމަން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ލުކާ ޗުއްޕީ" އާއި "މިމީ" އަދި "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ހިމެނެ އެވެ. މި ފިލްމުތަކަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ.