Last Updated: May 29, 10:52
Thursday, May 29, 2025
ޚަބަރު

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ބޭފުޅުންގެ ތެރެއިން، ޖޭއެސްސީން އެންމެ މަތިން މާކްސް ދެއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

ފަނޑިޔާރު ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު 12 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފަ އެވެ. އަދި ފަނޑިޔާރު ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.