ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ އެކު ހަލީލު އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާ ހަލީލު ކުށްވެރި ކުރެއްވި ކަމަށެވެ.
އަދި ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ހަލީލު ދެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖައިޝަންކަރު ވަނީ އިންޑިއާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ރާއްޖޭން ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އިންޑިއާގެ އެހީ އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ހަލީލު އިންޑިއާ އަށް ވަޑައިގެންނެވީ ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، 'އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް' ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެކެވެ.